ފާއިތުވެދިޔަ 40 އަށް ވުރެ ގިނަ އަހަރު، ވާލްޑް ބޭންކް ގްރޫޕުގެ އެހީތެރިކަން ދިވެހިރާއްޖެ އަށް ވަނީ އެކި ދާއިރާތަކުން ލިބިފަ އެވެ. މާލީ އަދި ފަންނީ އެހީތެރިކަން ހިމެނޭ ގޮތުން އަޅުގަނޑުމެން ވާނީ، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމާއި އިޖުތިމާއީ ރައްކާތެރިކަން ފުޅާކޮށް، ދައުލަތުގެ މާލިއްޔަތު ހަރުދަނާކޮށް އަދި ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ބިނާކުރުމުގައި ދިވެހިރާއްޖޭގެ ސަރުކާރުތަކާ އެކު މަސައްކަތްކޮށްފަ އެވެ.
މިހާރު އަޅުގަނޑުމެން މި އަންނަނީ، 2030 ގެ ނިޔަލަށް ކާބަން ނިއުޓްރަލް ކުރުމަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ހާސިލްވުމުގައި ދިވެހިރާއްޖެ އަށް އެހީތެރިވުމަށްޓަކައި، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓުތައް މެދުވެރިކޮށް ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރުން އަދި މިހާރަށް ވުރެ ތިމާވެއްޓާ ރަހުމަތްތެރި ހަކަތައިގެ ވަސީލަތްތައް ގާއިމްކުރުމުގައި އެހީތެރިވަމުންނެވެ. ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ އިގްތިސާދީ ހަރަކާތް ކަމަށްވާ މަސްވެރިކަމުގެ ސިނާއަތް ޒަމާނީކުރުމަކީ ވެސް ވާލްޑް ބޭންކުން ރާއްޖޭގައި ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. މީގެ އިތުރުން ވެސް، ކާރިޘާތަކަށް ތައްޔާރުވެފައިވާ ގޮތަށް ފަރުމާކުރެވިފައިވާ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ތަރައްގީކުރުމާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުން އަދި ޒަމާނަށް ފެތޭ މަސައްކަތްތެރިން ބިނާކުރުމަށް ވެސް އަޅުގަނޑުމެން މި އަންނަނީ އެހީތެރިވަމުންނެވެ.
މިދިޔަ 2020 ވަނަ ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް މިވަނީ ގެނުވާފަ އެވެ. އަހައްމިޔަތުކަން ދޭ ކަންކަން މިވަނީ ބަދަލުވެފަ އެވެ. ދުނިޔެއާ މެދު ދެކޭ ގޮތްތަކަށް ވެސް މިވަނީ ބަދަލުތަކެއް އައިސްފަ އެވެ. މިހާރަށް ވުރެ ދެމެހެއްޓެނިވި އަދި ކާރިޡާތަކަށް ތައްޔާރުވެފައިވާ އިގްތިސާދަށް ބިނާކުރުމުގައި ދިވެހިރާއްޖެ އަށް ވަނީ އާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. ހަމަ އެއާއެކު، ކުރިން ނުލިބޭ ފަދަ ބޮޑެތި ފުރުސަތުތަކެއް ވަނީ މިވަނީ ލިބިފަ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުނީއްސުރެ މިހާތަނަށް ވާލްޑް ބޭންކް ގްރޫޕުން ވަނީ ދިވެހިރާއްޖެ އަށް 62 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން، ދިވެހިރާއްޖޭގެ އާބާދީ މި ވައިރަހުން ރައްކާތެރިކުރުމަށްޓަކައި ސިއްހީ ހިދުމަތްތަކުގެ ގާބިލްކަން އިތުރުކުރުމުގެ އިތުރަށް، ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ އިގްތިސާދަށް އަރާފައިވާ ލޮޅުންތައް ކުޑަކުރުމަށް އެހީތެރިވެދީފައިވާނެ އެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ 22،000 އަށް ވުރެ ގިނަ ދިވެހިންނަށް، އެ މީހުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި ފައިސާގެ އެލަވެންސެއް ވެސް ފޯރުކޮށްދެވިފައިވާނެ އެވެ.
ދިވެހިރާއްޖޭގެ އިގްތިސާދު މިހާރަށް ވުރެ ތިމާވެއްޓާ ރަށްޓެހި، ކާރިޡާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ ގޮތެއްގައި ބިނާކުރުމުގައި ވާލްޑް ބޭންކުން އަންނަނީ ދިވެހި ސަރުކާރާއި ރައްޔިތުންނާއެކު މަސައްކަތްކުރަމުންނެވެ. މި އަހަރުގެ ކުރީކޮޅު އަޅުގަނޑުމެން ވާނީ ދިވެހިރާއްޖޭގެ ސިސްޓަމެޓިކް ކަންޓްރީ ޑައެގްނޮސްޓިކް (އެސްސީޑީ) އަޕްޑޭޓުކޮށްފަ އެވެ. މިއީ، ދިވެހިރާއްޖޭގެ ތަރައްގީ އަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތައް ދެނެގަތުމަށްޓަކައި ފުޅާ ދާއިރާއެއްގައި ކުރެވުނު ދިރާސާތަކާއި އެއްކުރެވުނު އާންމުންގެ ހިޔާލުތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ދިރާސާއެކެވެ. މި ދިރާސާ މެދުވެރިކޮށް، ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށް އެހީތެރިވެދެވޭ ގޮތަށް ވާލްޑް ބޭންކުން ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ކުރާ މަސައްކަތްތައް ބައްޓަންކުރެވޭނެ އެވެ. މި މަސައްކަތުގައި އަޅުގަނޑުމެންނަށް އެހީތެރިވެދިނުމަށްޓަކައި، އޮންލައިންކޮށް ކުރިއަށްގެންދެވޭ ސާވޭތަކުގައި ބައިވެރިވެގެން ހުރިހާ ދިވެހި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ދިނުމަށް އަޅުގަނޑުމެން އެދެމެވެ.
މި އެކުލަވާލެވޭ ސީޕީއެފް ބިނާކުރެވިފައިވަނީ މައިގަނޑު ތިން އަމާޒެއް ހާސިލްކުރުމަށެވެ. އެއީ މިހާރަށް ވުރެ ދެމެހެއްޓެނިވި، އެކި ދާއިރާތަކަށް ފުޅާވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ އިގްތިސާދެއް ބިނާކުރުން؛ އިންސާނީ ވަސީލަތްތައް ތަރައްގީކުރުން؛ އަދި، ކުރިމަތިވާ ލޮޅުންތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުމެވެ.
ބަދަލުވަމުން މިދާ ސިއްހީ އަދި އިގްތިސާދީ ހާލަތުގައި، ތަރައްގީގެ މަގުގައި ދިވެހިން އަހައްމިއްޔަތުކަން ދޭ ކަންކަން ދެނެގަނެ، ވާލްޑް ބޭންކުން ދިވެހިރާއްޖޭގައި ކުރާ މަސައްކަތް އެ ކަންކަމުގެ މައްޗަށް ބިނާކުރުމުގެ މުހިންމުކަން މިހާރު މާ ބޮޑެވެ. ތިޔަބޭފުޅުންގެ ހިޔާލާއި މަޝްވަރާ ބޭނުންވަނީ އެހެންވެ އެވެ!
ކުރިއަށް އޮތް ހަތަރު އަހަރުދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ތަރައްގީ އަށް އެހީތެރިވުމުގައި ވާލްޑް ބޭންކުން އަހައްމިއްޔަތުކަން ދޭންވީ ކަންކަން ބުނެދިނުމަށްޓަކައި މިފަހުން ފެށި އޮންލައިން ސާވޭ ފުރިހަމަކުރުމަށް އަޅުގަނޑުމެން ދައުވަތު ދެމެވެ. މި ސާވޭ ދިވެހި ބަހުންނާއި އިނގިރޭސިބަހުން ވެސް ފުރިހަމަކުރެވޭނެ އެވެ.
ޑިޖިޓަލް ތަރައްގީ އަށް ޒުވާނުންގެ ވިސްނުން
ސީޕީއެފް އެކުލަވާލުމަށް ކުރެވެމުން މިދާ މަސައްކަތް މެދުވެރިކޮށް، ދިވެހިރާއްޖޭގައި އަޅުގަނޑުމެން ކުރަމުން މި އަންނަ މަސައްކަތް ބައްޓަންކުރުމުގައި ދިވެހި ޒުވާނުންނަށް ބައިވެރިވެވޭނެ އެވެ. ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް ދިވެހިން ބޭނުންކުރާ މިންވަރު އިތުރުކޮށް، އާ ޓެކްނޮލޮޖީތަކުގެ ބޭނުން ހުރިހާ ދިވެހިންނަށް ހިފޭނެކަން ކަށަވަރުކޮށްދިނުމަށްޓަކައި ދިވެހި ސަރުކާރަށް ވާލްޑް ބޭންކުން އެހީތެރިވެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ދިވެހި ޒުވާނުންގެ ވިސްނުން އެނގެން އަޅުގަނޑުމެން ބޭނުންވެ އެވެ.
ދިވެހި ޒުވާނުންނަކީ މިހާރު ވެސް ޓެކްނޮލޮޖީ އަށް އަހުލުވެރި ބައެއްކަން، މިފަހުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް – އަ ޑިޖިޓަލް ޑޯން" ރިޕޯޓުން އަޅުގަނޑުމެންނަށް ވަނީ އެނގިފަ އެވެ. އެގޮތުން، ދިވެހިރާއްޖޭގެ އާބާދީގެ 63 އިންސައްތަ 2019 ގައި އިންޓަނެޓް ބޭނުންކުރެ އެވެ. މިއީ މުޅި ދެކުނު އޭޝިއާ އަދި ރާއްޖެ ފަދަ އެހެން ކުދި ގައުމުތަކަށް ވުރެ މާ މަތީ މިންވަރެކެވެ. އެހެންކަމުން، މިހާރު ހުރި އަދި އަލަށް އީޖާދުކުރެވޭ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން ދިވެހިރާއްޖޭގައި ހިފަން އަޅުގަނޑުމެންނަށް ގިނަގުނަ ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި މާލެ ސަރަހައްދާއި އަތޮޅުތެރޭގައި އޮތް ފަރަގު ކުޑަކުރުމަށް އެދެވޭ ފިޔަވަޅުތަކެއް އަޅައިފި ނަމަ، ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ފެންވަރު ރަނގަޅު ތައުލީމީ، ސިއްހީ އަދި އެހެނިހެން ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދީ، އެއްވެސް ދިވެއްސަކު ބާކީ ނުކުރުމުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދޭނެ އެވެ.
އަޅުގަނޑުމެންގެ ޓުވިޓާ އެކައުންޓް މެދުވެރިކޮށް ހިޔާލު ދެއްވައި އޮންލައިން ސާވޭ ވެސް ފުރިހަމަކޮށްދެއްވާށެވެ!
ކުޑަކުދިންގެ ކުރެހުމުގެ މުބާރާތް – "އަ ޑިޖިޓަލް ޑޯން" #މޯލްޑިވްސްއައިސީ
ސީޕީއެފް ކޮންސަލްޓޭޝަންތަކާ އެކުއެކީ، އަޅުގަނޑުމެން ވާނީ އަންނަން އޮތް ޖީލުތަކުގެ ދިވެހިންގެ ވިސްނުން ދެނެގަތުމަށްޓަކައި ކުރެހުމުގެ މުބާރާތެއް ވެސް ފަށާފަ އެވެ. އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ހުޅުވާލެވިފައިވާ މި މުބާރާތުގައި، ކުރިއަށް އޮތް 10 އަހަރުދުވަހުގެ ތެރޭގައި ރާއްޖެ އޮންނަން ބޭނުންވާ ގޮތް ސިފަކޮށްދިނުމަށް އަޅުގަނޑުމެން ދައުވަތު ދެމެވެ. އެ ކުއްޖަކު ހިޔާރުކުރާ އެއްޗެއް ބޭނުންކޮށްގެން ކުރެހިދާނެ އެވެ. ތިބާ އަށް ސިފަކުރެވޭ ރާއްޖެ ނުވަތަ "#މޯލްޑިވްސްއައިސީ" ހާސިލުކޮށްދިނުމަށް ވާލްޑް ބޭންކުން ވެސް އެހީތެރިވެދޭން ބޭނުންވެ އެވެ.
އެހެންކަމުން، އަޅުގަނޑުމެން މި އެދެނީ، ދިވެހިރާއްޖޭގެ ކުރިމަގު ބިނާކުރުމުގައި އެހީތެރިވުމަށްޓަކައި ހުރިހާ ދިވެހިން ވެސް އޮންލައިން ސާވޭ ފުރިހަމަކޮށްލައި އަދި ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށެވެ. މިއީ، ތިޔަބޭފުޅުންގެ އަޑު އަޅުގަނޑުމެންނަށް އިއްވައިދޭންވީ ވަގުތެވެ!
Join the Conversation